މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާބޯޓު ގެންނަން ނިންމައި އެ ބޯޓުތައް ކުއްޔަށް ދޭނެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.
އައިލެންޑް އޭވިއޭޝަންއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެއާލައިނުން ކުއްޔަށް ނަގަނީ މުޅިން އާ ނުވަތަ ބޭނުންކުރަމުން އަންނަ އޭޓީއާރު 42-600 މަރުކާގެ ފަސް ބޯޓު ކަމަށެވެ. އަދި މި ފަސް ބޯޓު ހޯދަނީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށް އައިއޭއެސްގެ އިއުލާނުގައިވެ އެވެ.
އެގޮތުން ތިން ބޯޓު ބޭނުންވަނީ އޮޕަރޭޓިން ލީސް ނުވަތަ އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ރާއްޖެ ގެންނަން މޯލްޑިވިއަން އިން ބޭނުންވެ އެވެ.
އޭގެ ތެރެއިން އެއް ބޯޓު ބޭނުން ވަނީ ސޭލް އެންޑް ލީސް ބެކް (އެސްއެލްބީ) ނުވަތަ ކުންފުންޏެއްގެ މުދާ އެ ކުންފުންޏަކަށް ބޭނުންކުރެވޭ ގޮތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުން؛ މި ބޯޓު މި އަހަރުގެ ފަހު ކުއާޓަރަށް ރާއްޖެ ގެންނަން މޯލްޑިވިއަން އިން ބޭނުންވެ އެވެ.
އިތުރު އެއް ބޯޓު ބޭނުން ވަނީ ފައިނޭންސް ލީސް ނުވަތަ އެހެން ބަޔަކު ހަރަދުކޮށްގެން ބޯޓު ގަތުމަށް ފަހު މޯލްޑިވިއަންއަށް ބޭނުންކުރުމަށް އެ ބޯޓު ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. މި ބޯޓު 2025ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ގެންނަން މޯލްޑިވިއަން އިން ބޭނުންވެ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށް ފަހު، އެންމެ ރަނގަޅު ތިން ފަރާތެއް ހޮވައި އެ ފަރާތްތަކަށް އެކަން އަންގާނީ އަންނަ މަހުގެ 21 ގަ އެވެ.