ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ތުރުކީ އިން ގެއެއް ބައްލަވައިގެންނެވި ކަމަށާއި މަގާމުން އިސްތިއުފާދެއްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

ޕީޖީ ޝަމީމް ތުރުކީ އިން ގެއެއް ބައްލަވާގެންފައިވާ ކަމަށާ އެމަނިކުފާނުގެ ދިރިއުޅުއްވުން ތުރުކީ އަށް ބަދަލްކުރައްވަން އުޅުއްވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން "ދައުރު" އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ އެއީ ތެދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެވެ. އެއީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ،

އުއްތަމަފަނޑިޔާރު އެ މަގާމުން ވަކިކޮށް އުއްތަމަފަނޑިޔާރުގެ މަގާމަށް ޝަމީމް ގެންނަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރިފައިވެ އެވެ. އެހެން ނަމަވެސް އުއްތަމަފަނޑިޔާރުގެ މަގާމަށް ޝައުގުވެރިކަން ނެތް ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޝަމީމާ ގުޅޭ ގޮތުން މިފަދަ އަޑުތަކެއް އަރަންފެށީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމުމާއެކު އެވެ. އަދި ޕީޖީ އޮފީހުގައި ވެސް އެކަމާ ގުޅިގެން ހިޔާލުތަފާތުވެ ބައިބައިވުން އުފެދިފައިވެ އެވެ.

ޔޫތު މިނިސްޓަރު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިމަހުގެ 8 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.