ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ނިންމާ މިއަހަރު ހުކުމް ކުރާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ވަރަށް ގިނަ ދުވަހު މައްސަލަ ހުއްޓިފައި އޮތުމަށްފަހު ކުރިޔަށް ގެންދަން ފަށާފައިވާ މި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވައި މިއަދު ވަނީ ޝަރީއަތް ފަށާފައި އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގެ ތަވަލެއް ދީފައި އެވެ. އެތާވަލިގައި ވާގޮތުން މިމައްސަލައިގެ ހުކުމް ކުރުން އޮންނާނީ އޮގަސްޓު މަހުގެ 31 ގަ އެވެ.

މިއަދުގެ ޝަރީއަތުގައި ވަނީ އިބްތިދާއީ ބަޔާން ހުށަހަޅަފައިއެވެ. އެކަމަކު ހުލާސާ ބަޔާން އިއްވަން ދީފައިވާ މުއްދަތު ކުރުކަމުން އެ މުއްދަތު ދިގު ކުރަން ނިންމައި، ކަނޑައަޅާފައިވާ ތާރީހަށް ހުކުމް ނުކުރެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ފަހުންވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެކިބަސް ނަގަން ފަށާނެ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މިމައްސަލާގައި ހިމެނޭ ފަހުމީއަށް ތުހުމަތު ކޮށްފައިވަނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލީ އަދުހަމް އެވެ. މިމައްސަލާގައި އަދުހަމަށް ކުރި ދައުވާތަކުގައި މިހާރުވަނީ ހުކުމާހަމައަށް ގޮސްފައި އެވެ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.