ރ. އަލިފުށީގައި ހަދާ ޓިވެޓް އިމާރާތުގެ 3 ބްލޮކްގެ ކޮންކްރީޓް މަސައްކަތްތައް ނިމި ޓިވެޓް ސެންޓަރު ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ރޭވުމުގެ މަސައްކަތްތައް ކަމަށެވެ. ޓިވެޓް ސެންޓަރު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ. އެގޮތުން ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނޮލަލް މަސައްކަތްތަކާއި ކިޔަވައިދޭ އިދާރީ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އަލިފުށީ ޓިވެޓް ސެންޓަރުގައި ބޯޓްބިލްޑިން ދާއިރާއިން ހާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހީމް ވިދާޅުވީ ޓިވެޓް ސެންޓަރުން ބޯޓު ބިލްޑިންގ އަށް ހާއްސަ ކޯސްތަކެއް ހިންގަނީ އަލިފުއްޓަކީ ބޯޓު ބަނުމުގެ ތާރީހެއް އޮތް ރަށަކަށްވާތީ ކަމަށެވެ.

ޓިވެޓް ސެންޓަރު ދަނާލާއެކު ތަރައްގީކުރުމުން މަސައްކަތުގެ ހުނަރު އަލިފުށިން ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރަށުގައި އުޅޭ ޒުވާނުންނަށް މަސައްކަތުގެ ތައުލީމާއި ހުނަރު ގާތުން އަދި އަތްފޯރާފަށުން ލިބިގެންދާނެ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.

މި ޓިވެޓް ސެންޓަރުގައި ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓިޕާޕަސް ވޯކްޝޮޕާއި ކްލާސްރޫމްތަކާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ސިއްހީ ދުޅަހެޔޮކަމަށް އެކި ކުޅިވަރުތައް ކުޅުމަށް އެކްޓިވިޓީ ސެންޓަރާއި އެކު ޖިންސާއި ރިކްރިއޭޝަން ބްލޮކެއް ވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.