ރައީސުލްޖުމްހޫރިއްޔާގެ ހުވާ ފައިސަލް ނަސީމް ކުރެއްވި މައްސަލައިގައި ރައީސް ކަމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އިން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހުމަދު ސިއްދީގު އިސްވެ ހުންނަވައިގެން މިމައްސަލަ ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ފަަހަރު މިމައްސަލަ ބޭރުކޮށްލީ މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހު އެވެ.

އެމައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އާދިއްތަ ދުވަހު ނިންމީ އެ މައްސަލައާމެދު ގާނޫނީ އަދި ޝަރުއީ ގޮތުން ބަހުސްކުރެވޭ ފަދަ ނުކުތާއެއް ހުށަހަޅާފައި ނުވާތީ ކުރީގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ.

މިގަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގު އެވެ.

ގަރާރުގައި ބުނެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގެންފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތަކަށް ހަވާލުކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަލި ހާލަތު ހުރި ގޮތުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރަން ޖެހުނު ތައިރޮއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެން ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ނައިބު ރައީސް ފައިސަލް ނަސީމްއަށް ރައީސްކަމުގެ ހުވާ ލައިދީފައިވެ އެވެ.