ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އިތުރު ހަމަލާއެއް ދޭން އުޅޭކަމަށް ބެލެވޭކަމަށް ވިދާޅުވެ، ފުލުހުންނަށް މައްސަލައެއް ހުށައަޅައިފި އެވެ. އެ މައްސަލަ ބަލައިދިނުން އެދިވަޑައިގެން ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.

އިންތި ކުރެއްވި ޓުވީޓުގައި ހަމައެކަނި ރައީސް ނަޝީދަށް ޓާގެޓްކޮށް ސެކިޔުރިޓީ ދަށްކުރުމަށް ބާރުއަޅައި ފަހަކަށް އައިސް ތަކުރާރުކޮށް މަޖިލީހުގެ 2މެމްބަރަކު އެކި ފޯރަމްތަކުގަ ވާހަކަފުޅުދައްކަވަމުން ގެންދަވާތީ އެއީ އިތުރު ހަމަލާއެއް ދިނުމަށް ދުރާލާ ރާވަމުންދާ ރޭވުމެއްކަމަށް ޝައްކުވާތީ އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އިންތި ފުލުހަށް ފޮނުއްވި ސިޓީގައިވަނީ ނަޝީދަކީ ކުރިންވެސް ނުރައްކާތެރި ބޮމުގެ ހަމަލާއެއްގެ ޝިކާރައަކަށްވެވަޑައިގެންފައި ހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އެކަމުގައި އިންސާފު ލިބިވަޑައިގެންފައި ނެތްކަމަށާއި، އެ ހަމަލާގެ ކަންކަން މޮނީޓާކުރައްވަން ރައީސް ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒުވެސް އިންސާފަށް ވާސިލުނުވެވޭކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި އެ ނުރައްކާތެރި ހަމަލާ ނަޝީދަށް ދިނީ އެމަނިކުފާނަށް އޮތް ނުރައްކާ "ކްރިޓިކަލް" ދަރަޖައިގައި އޮއްވައިކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުން އެނގޭކަން ފާހަގަކުރައްވައި، އިންތި ވިދާޅުވެފައިވަނީ މިހާރުވެސް އެމަނިކުފާނަކީ މަޖިލީހުގެ ރައީސްގެ އިތުރުން ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް ކަމެވެ.

މިފަދަ ނުރައްކާތެރި ހަމަލާއެއް ނަޝީދަށް އަމާޒުކޮށްފައިވަނިކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވާ އަނދުން ހުސައިނާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ފަދަ ސަރުކާރާ ގާތް ގުޅުން އޮންނަ ބާރާއި ނުފޫޒުގަދަ ބޭފުޅުން ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ދެކޮޅުހައްދަވައި އެކަން ހުއްޓުވަންޖެހޭ މޭރުމަކުން ވާހަކަދެއްކެވުމުން، ނުބައި ރޭވުމެއް އޮތްކަމަށް ތުހުމަތުކުރައްވާކަމަށް އިންތި ވިދާޅުވި އެވެ.

އަދި މި ބޭފުޅުންނަކީ ރައީސް ނަޝީދާމެދު މަތީ ދަރަޖައެއްގެ ނަފުރަތާއި ރުޅިވެރިކަން އޮންނަ ބޭފުޅުންކަން އެ ބޭފުޅުންގެ ބަސްފުޅުތަކުން އެނގޭކަމަށް ވިދާޅުވެ، އެ ބޭފުޅުން ހަމައެކަނި ނަޝީދަށް އަމާޒުކޮށް ނުރައްކަލުގެ ދަރަޖަ އެންމެ މަތީ މިންވަރުގައި އޮތް އެފަދަ ބޭފުޅަކަށް ގާނޫނުން ލާޒިމުކުރާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ދެކޮޅަށް ވާހަކަދައްކަވަންވީ އިތުރު ސަބަބެއް އޮންނާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އިންތި ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ މިފަދައިން ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހުއްޓުވަންޖެހޭކަން ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމަކީ އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމުގެ ކުށެއްގެ އަމަލު ހިންގުމަށް ތައްޔާރުވަމުންދާކަމުގައި ބެލުމުގެ ޖާގަ އޮތްކަމަކަށްވާތީ އެކަންބޮޑުވުން އޮތުމާއެކު، އެ މައްސަލަ ބައްލަވައި ޖިނާއީ އަމަލެއް އެކުލެވޭނަމަ ފިޔަވަޅުއެޅުމަށް ފުލުހުންގެ ކިބައިން އިންތި އެދިވަޑައިގެންފައިވެ އެވެ.