އިދިކޮޅު އެންމެ ބޮޑު ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ކަނޑައަޅާފައިވާއިރު، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމާއިމެދު އުފެދިފައިވާ ސުވާލަށް އަވަސް ޖަވާބެއް އިލެކްޝަން ކޮމިޝަނުން ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ އާމެދު އިލެކްޝަންސް ކޮމިޝަނުން ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ޕީޕީއެމަށްވެސް ކުރިއަށްދެވޭނީ ރައީސް ޔާމީންގެ ކެންޑިޑެސީއާމެދު އީސީން ވަކިގޮތެއް ނިންމައިގެން ކަމަށެވެ. ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި ކުރިއަށްދާނަމަ އެ ފަރާތަކަށް އިންތިހާބުތަކަށް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯ އީސީން ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ، އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮތް ކަމަށާއި، އަދި ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތުވެސް ބޮޑުކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްސަލައިގެ އިސްތިޢުނާފު މަރުޙަލާ މުޅިން ނުނިމި އޮތްނަމަ ކެންޑިޑެސީ ބަލައިގަތުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

އެކަމަށް ބާރުދޭ ހެކިތައް ދައްކަވަމުން ފުއާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށްވެސް އިސްތިއުނާފްގެ މަރުޙަލާ ދިގުދެމިގެން ގޮސްފައިވަނިކޮށް އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށާއި، އެ ހުކުމް ނިހާއީ ވެފައިވާ ކަމަށެވެ. އެހެންކަމުން އެޙުކުމް މިހާރުގެ ސުޕްރީމް ކޯޓުން ބާތިލް ނުކުރާނަމަ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގާނޫނީ ލަފާ ހޯއްދަވާނެކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓަކީ ރައީސް ޔާމީން އެވެ. ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށާއި އެހެން ކެންޑިޑޭޓަކާމެދު ވިސްނަން ނުޖެހޭ ކަމަށެވެ.