ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާގެ ޝަރީއަތް ލައިވް ނުކުރަނީ އޮޅުވާލަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ދެ ހަފުތާގައި ޝަރީއަތް ކުރިއަށް ގެންދަން ކޯޓުން ވަނީ ތާވަލްކޮށްފައި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފުއްގިރި މައްސަލަ ކްރިމޮނަލް ކޯޓުގައި ކުރިއަށް ގެންދާގޮތުން ރައީސް ޔާމީންގެ އެތައް ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ. ޝަރީއަތް އަވަސް އަރުވާލައިގެން އަދި ޓީވީ ތަކުން ޝަރީއަތް ވަގުތުން ނުދައްކަނީ ސަރުކާރުގެ ސީދާ ނުފޫޒު އޮވެގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލަން ކުރާ ކަމެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތް ލައިވް ނުކުރާ މައްސަލަ ޒިންމާދާރު ފަރަތްތަކުން ބައްލަވައިދެއްވުމަށްވެސް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައި އެވެ.

އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔާމީންގެ މައްޗަށް މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އަދި ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.