ރާއްޖޭގެ ދެކުނު އޮންނަ ޗާގޮސް (ފޯޅަވަހި)ގެ ރަށްތަކާއި ގުޅޭ މައްސަލަ އަންނަ ހުކުރު ދުވަހު ނިންމާގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމުމަށް ވަނީ ހަމަޖެހިފައި އެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި 2019 ވަނަ އަހަރު ވޯޓު ދީފައި އެވެ. އެއާއި އެކު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބު ބެހުމުގެ މައްސަލައިގެ ތެރެއިން ރާއްޖޭން ވަނީ ސިޔާސަތު ބަދަލުކޮށްފައި އެވެ. ރާއްޖެއިންވެސް ވަކާލަތު ކުރަނީ 200 މޭލު ރާއްޖެ އަށް ލިބެން ޖެހެނެ ކަމަށެވެ.
ރާއްޖޭގެ ފަރާތުން އެމައްސަލާގައި ވަކާލާތު ކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާ ތަނެކެވެ. އެތަނުގައި އެމެރިކާއިން ވަނީ އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައި އެވެ.
މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ފަހު އޭގެ ބަދަލުގައި އެ ގައުމާ ޗާގޮސްގެ ރަށްތައް ވަކިކޮށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް ބަދަލުކުރުމަށް ފަހު 1970ގެ ތެރޭގައި ޗާގޮސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އާބާދީ އަކީ ގާތްގަނޑަކަށް 2،000 އެވެ. ޗާގޮސްގެ މައި އަތޮޅު ކަމަށްވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން އެތަން ފަހުން ކުއްޔަށް ދިނީ އެވެ. މޮރިޝަސްއާ އެކު ފަށާ މަޝްވަރާތަކުން، ޗާގޮސްގައި އަލުން މީހުން ވަޒަންވެރިވާން ފުރުސަތު ލިބޭނެ އެވެ.