ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހުގައި ކޮތަޅުން ފީ ނަގަން ހިމަނާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އެވެ. ސަރުކާރުން ބުނީ މި އިސްލާހު ފާސްވުމުން، ކޮތަޅުގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާލުވީ ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ކޮތަޅުގެ އަގު ބޮޑު ވާގޮތަށް އެގާނޫނު ފާސް ކުރީ މަޖިލީހުގެ މެމްބަރުން ގަސްދުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ މެމްބަރުންނަށް ހީވެފައިވަނީ މަޖިލީހަށް ހުށަހަޅަފައިވާ އިސްލާހުގައި ވަނީ ގަނޑުކޮށް ގަންނަ ކޮތަޅު ބޮނޑިން އެގާނޫނުގެ ދަށުން ނަގާ ފީން އިސްތިސްނާ ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އެހެން ނަމަވެސް އެ ބިލުގެ މަގުސަދަކީ އެއީ ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮތަޅުން ފީ ނެގުމުގެ މައްސަލަ ނިންމުމަށް މެމްބަރުން ބުނަމުން ދިޔަ ނަމަވެސް އެފަދަ ކަމެއް ހުށަހަޅަފައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކޮތަޅު ޓެކްސް އެއް ނަގަން ފެށުމުން ރައްޔިތުންނަށް އޭގެން ގެއްލުމެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ ކަމެއް ހުއްޓުވަން އޮންނަނީ ދެގޮތެއް ކަމަށާއި އެއް ގޮތަކީ ޓެކްސްއެއް ނުވަތަ ފީއެއް ނެގުން ކަމަށެވެ. މިހާރު ގާނޫނު އޮތީ އުގޫބާތެއް ކަނޑަނާޅައި ޓެކުހެއް ނުވަތަ ފީއެއް ނަގައިގެން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮތަޅުން ފީއެއް ނެގުމަކީ ރާއްޖޭގެ ރައްޔިތަކު މަބޮޑަށް ކަންބޮޑުވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބާޒާރަށް ދަމުން ގެއިން ޕްލާސްޓިކު ނޫން ކޮތަޅެއް ގެންދިއުމަކީ ރައްޔިތަކު އިންކާރު ކުރާނެ ކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށެވެ. ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އެންވަރަމެންޓް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.