އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލުތަނެއްގެ ގޮތުގައި އޮތުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ އީޕީއޭ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާއިރު، އަދި ފުރަތަމަ 100 ދުވަސް ތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު މިއަދާ ހަމައަށް ވެސް އެވައުދު ނުފުއްދިފައިވަނީ ކީއްވެތޯ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލާ ގުޅިގެންނެވެ.

އީޕީއޭއަކީ މުޅިން މިނިވަން ތަނެއްތޯ ނުވަތަ ނޫންތޯ މެމްބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ސުވާލަށް ސާފު ޖަވާބެއް މިނިސްޓަރު ނުދެއްވަ އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި އީޕީއޭ ހިންގޭނީ އެތަނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަވެގެން ކަމަށެވެ.

އީޕީއޭ ބާރުވެރިކުރުވުމުގެ އަޑު އެންމެ ގަދަވެގެން އައީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގޭ މަޝްރޫއުތަކުގެ އީއައިއޭ ފާސްކުރުމުގެ ބާރު 2015 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އީޕީއޭއަކީ ބާރުވެރި މިނިވަން މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް މުޅިން މިނިވަން މުއައްސަސާއެއް ކަމަކަށް މިނިސްޓަރު ވިދާޅެއް ނުވި އެވެ.

އީއައިއޭ ހެދުމުގެ ބާރު އަލުން އީޕީއޭ އަށް ދިނުމަސް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު 2018 ވަނަ އަހަރު ވަނީ ފާސްކޮށްފަ އެވެ.

ޝައުނާ ވިދާޅުވީ އެމެރިކާ އަދި ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ތިމާވެށީގެ ކަންތައްތައް ރެގިއުލޭޓްކުރާ އިދާރާތައް ހިންގަނީ ސަރުކާރުގެ ބާރު ހިނގާ ގޮތަށް ކަަމަށެވެ. އެހެން ނަމަވެސް ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އީޕީއޭ ފަދަ މުއައްސަސާއެއް ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާގޮތަށް މުޅިން މިނިވަންކޮށް ހިންގުމަކީ އެންމެ އެކަށީގެންވާ ނިޒާމު ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.