ރާއްޖޭގެ ދެކުނު އޮންނަ ޗާގޮސް (ފޯޅަވަހި)ގެ ރަށްތަކާއި ގުޅޭ މައްސަލަ އަންނަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ނިންމަގޮތަށް ހަމަޖެހިފައިވާއިރު އެމައްސަލާގައި ދިވެހި ސަރުކާރުގެ ނިންމުމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން އެ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުވުމަށް ނިންމައިފި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމުމަށް ވަނީ ހަމަޖެހިފައި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޗާގޯސް މައްސަލާގައި އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ނިންމާފައިވާ ކަމަށާ އެ ސިޓީއަކީ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ފޮނުވާ ސިޓީފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އެންމެ ތަންކޮޅެއް ވެސް ގެއްލިގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ. އަދި އަންނާން އޮތް ޖީލުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި ރައީސް ޔާމީން އިޓްލޮސްއަށް ފޮނުއްވާ ސިޓީފުޅުގައި ސިޔާސީ ލީޑަރުން ސޮއިކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސިޓީގައި ސޮއިކުރުމަށް ސިޔާސީ ބޭފުޅުންނަށް ފޮނުއްވާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅުގައި އިޓްލޮސް އަށް ފޮނުއްވާ ސިޓީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުވި "ސިއްރު ސިޓީ"ގައި ބަޔާންކުރާ ކަންކަމަކީ ދިވެހިރައްޔިތުން އެދޭގޮތް ނޫން ކަމަށާ މޮރިޝަސްއާ އެއްކޮޅަށް ނިންމި ނިންމުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫންކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި, އެ ސިޓީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ވެސް ރުހުން ނުދޭނެކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި 2019 ވަނަ އަހަރު ވޯޓު ދީފައި އެވެ. އެއާ އެކު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބު ބެހުމުގެ މައްސަލައިގެ ތެރެއިން ރާއްޖޭން ވަނީ ސިޔާސަތު ބަދަލުކޮށްފައި އެވެ.

ރާއްޖެއިން ވެސް ވަކާލަތު ކުރަނީ 200 މޭލު ރާއްޖެ އަށް ލިބެން ޖެހެނެ ކަމަށެވެ.