ކްރިޝްނަކާންތު ގޯސްވާމީގެ ނަން ގިނަބަޔަކަށް ނޭނގުނު ނަމަވެސް އެއީ މީހުން ނުދަންނާނެ ސޫރައެއް ނޫނެވެ.

ހަމަ ޔަގީނުން ވެސް 2000 ގެ ފުރަތަމަ އަހަރުތަކުން ފެށިގެން ހިންދީ ޗެނަލްތަކުން ދެއްކި ޝޯތަކުގައި، އެންމެ ކުރިއެރި އެއް ތަރިއެއްގެ ގޮތުގައި ގޯސްވާމީ ފެނިގެން ގޮސްފައިވެ އެވެ. އޭރު އޭނާ ވެގެންގޮސްފައި ވަނީ ކުދި ބޮޑު އެންމެންނަށް ކަމުދިޔަ އެއް ތަރީގެ ގޮތުގަ އެވެ.

އޭރު އެންމެ ގިނަ ޝޯތަކުން ފެނިގެންދިޔަ ތަރިއެއް ނަމަވެސް ފަހަކަށް އައިސް ހިންދީ ސިނަމާގައި ނުފެންނަ މޫނަކަށް ގޯސްވާލް ވެގެން ހިނގައްޖެ އެވެ. އަދި އެކަން ގިނަ ބަޔަކަށް މާބޮޑަކަށް ފާހަގައެއް ވެސް ނުކުރެވުނެވެ.

ނަމަވެސް ގޯސްވާމީ، އޭނާގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނިގޮތުގައި މަސައްކަތުގައި ކުރިއަރަން ކެނޑިނޭޅި މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އޭނާއަށް އުޅެއުޅެ އެއްވެސް މަސައްކަތެއް ނުލިބޭ ކަމަށް ބުންޏެވެ.

ގޯސްވާލް ބުނިގޮތުގައި ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ އަދި މަޝްހޫރު ގިނަ ޝޯތަކެއްގައި އޭނާ މަސައްކަތް ކުރި ނަމަވެސް އެކަމުން އޭނާއަށް ކުރިއެރުމަކަށް އެއްވެސް މަންފާއެއް ނުކުރި އެވެ. އަދި އެފަދަ ރޯލްތަކުގައި މަސައްކަތް ކުރެވުމުގެ ސަބަބުން އިތުރު މޮޅެތި ރޯލް ލިބޭނެ ކަމަށް އޭނާއަށް ހީކުރެވުނު ނަމަވެސް އެއީވެސް ކުށްހީއެއް ކަމަށް އޭނާ ބުންޏެވެ.

އޭރު ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޝޯތައްކަމަށްވާ، "ވިކްރާލް އޯރް ގަބްރާލް"، "ޝޫއް ކޮއި ހޭ"، "ޝަކަލަކަ ބޫމްބޫމް" އާއި "ޝަކްތިމާން" ފަދަ ހިޓް ޝޯތަކުގައި ގޯސްވާމީ ފެނިގެން ގޮސްފައިވެ އެވެ.