ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ރައްޖެއިން ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ މިއަދު ނިންމާފައި އެވެ.

ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށް އިޓްލޮސްގެ ނިންމުމުގައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗާގޯސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށެވެ. އަދި މިކަން ބަލައި ނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުންވެސް އެނިންމުމާ ދެކޮޅަށް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕއްގައި ނުރުހުންފަޅުކުރައްވާފައި އެވެ.

ނަޝީދު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 94،000 އަކަމީޓަރުގެ ބައެއް ގެއްލިފައިވާ ކަަމަށެވެ. އެ މައްސަލަ ނިމުނީ ރާއްޖެއަށް ރަނގަޅަށް ކަމަށް ވިދާޅުވެ ވާހަކަ ދައްްކަވާ މެމްބަރުން އެކުރައްވާ ކަމަކީ ރައްޔިތުންނަށް އޮޅުވައިލުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

މިމައްސަލާގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.