ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު ނިންމާފައިވާ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށާއި ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގަޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމުމާ ގުޅިގެން މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އިޓްލޮސްގެ މި ނިންމުމާއެކު ރާއްޖޭގެ ދެކުނުގެ އިގްތިސޯދީ ސަރަހައްދު ކަނޑައެޅިގެން ހިންގައްޖެ ކަމަށެވެ. މިކަމާ ގުޅިގެން އަމަލުކުރާނެ ގޮތްތަކަށް ކެބިނެޓުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ އުތުރުގައި ކޯސްޓްގާޑުން ބޯޑަރު ބަލަހައްޓަމުން ގެންދާހެން، ދެކުނުގައި ވެސް އެކަން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ބޭރުގެ މަސްވެރިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިން ކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެ ކަމަށެވެ. އަދި އެކަމުން ރާއްޖޭގެ މަސްވެރިންނަށް ވެސް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

މިމައްސަލާގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.

މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑިސްޓެންސް އަށް ބަލައިގެންނެވެ.

މޮރިޝަސްއިން ހުށަހަޅާފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.