ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން މިހާރު އަޅާ ޓަވަރުތައް ނިމި މިދައުރު ނިމުމުގެ ކުރިން އެތަންތަނަށް ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަންނަނީ އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އިމާރާތް ކުރަމުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން ފްލެޓްތައް އިމާރާތް ކުރަނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅިގެން ޖޫން މަހުގެ ނިޔަލަށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ މުއްދަތައް ބަލާ ޝަރުތު ހަމަވާ މީހުން ބެލުމުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތް ވެސް މިހާރު ނިމުމަކަށް އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ރަނގަޅަށް އެކަންކަން ކުރިއަސް ގެންދެވޭތޯ ބަލާނެ ކަމަށާ އުންމީދު ކުރަނީ މިދައުރު ނިމުމުގެ ކުރިން ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓު ޖޫންގައި ހާމަކުރަނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ގާތް ގަނޑަކަށް ގޯތި ދިނުމާއި ބެހޭ ގޮތުން ފޯމުތައް ބަލާ ޝަރުތު ހަމަވާ މީހުންނާ ނުވާ މީހުން ބެލުމުގެ މަސައްކަތް ކުރިއަށްދަނީ. އެކަން ނިމުމަކާ ހިސާބުގަ އުޅެނީ. އެއަށްފަހުގަ އަދިވެސް ދެން އިތުރަށް އަޅުގަނޑުމެން ބަލާނަށް އޭގަ އެންމެ ރަނގަޅަށް އެ ބޭނުންވާ ފަރާތަށް ދިނުމަށްޓަކާ ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިކަން. އަޅުގަނޑުމެން އުންމީދު މިކުރަނީ ޓަވަރުތައް މިދައުރު ނިމުމުގެ ކުރިން އޭގެ ފްލެޓްތަކަށް މީހުންނަށް ވަދެވެނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓްތައް ހުކުރު ދުވަހު ރައީސް ސޯލިހު ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އޮގަސްޓު މަހުގެ ކުރީން އޭގެން 8 ޓަވަރަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ކޮމެޓިން ބަލަމުންގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ އޮގަސްޓު މަހަށް ޓަވަރުތަކުގެ ސްޓްރަކްޗާ ނިމޭނެ ކަމަށް. އަދި އެއިން 8 ޓަވަރަށް މީހުންނަށް ވަދެވޭވަރު ކުރުމަށް. ދެން ގޯތީގެ ކަންކަން ބެލުމަށް އުފައްދާފައިވާ ކޮމެޓީން ނިންމާނީ އިތުރަށް ބަލަންޖެހޭ ކަމެއް ހުރިތޯ،" ފައްޔާޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެ އެވެ. އަންނަ ޖޫން މަހު ފްލެޓްތަކުގެ ލިޔުން ހަވާލުކޮށް، އޮގަސްޓް މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން އަންނަނީ ހުޅުމާލޭގެ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައި ވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ. މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.