ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަދިޕުރުޝް" ގެ ޕޯސްޓަރުގައި ކްރިތީ ފެންނަ ގޮތް އާންމުންނަށް ކަމުގޮސްފި އެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ޕްރޮޑަކްޝަނުން އެ ފިލްމުގެ ޓީޒާ ދައްކައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މިއަހަރު މި ފިލްމު ރިލީޒް ކުރުމަށް ޕްރޮޑަކްޝަނުން ތައްޔާރުވަމުންދާއިރު، ފިލްމުގެ ޕޯސްޓަރުތައް މިހާރު ވަނީ އާންމުންނަށް ދައްކާލާފަ އެވެ. އަދި އެ ޕޯސްޓަރުގައި އާންމުންނަށް އެންމެ ބޮޑަށް ކަމުގޮސްފައިވަނީ އެމީހުންގެ ސަގާފަތުގައި ބުނެފައިވާ ފަދައިން ކްރިތީގެ ސްޓައިލް ގެނެސްދީފައި ވާތީ އެވެ.

މި ފިލްމު ޖޫން މަހު ނެރެން ނިންމާފައި ވަނީ މީގެ ކުރިން ފިލްމުގެ ޓީޒާ ދައްކާލުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި، ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލުމާ ގުޅިގެންނެވެ. ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ އެކި ކަންކަން އަލުން ރަނގަޅު ކުރުމަށްފަހު ގެނެސްދޭނެ ކަމަށް ބުނެފަ އެވެ.

އެގޮތުން އެ ފިލްމް އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިއަހަރުގެ ޖެނުއަރީ އަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ވަނީ ޖޫން މަހު ނެރުމަށް ޕްރޮޑަކްޝަނުން ނިންމި އެވެ.