ދެކުނު ކޮރެއާގެ ފިލްމުތަކާއި ސީރިޒްތައް އިތުރަށް ކުރިއަރުވަން ނެޓްފްލިކްސުން 2.5 ބިލިއަން އެމެރިކާ ޑޮލަރުން އިންވެސްޓުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ސާވިސް ނެޓްފްލިކްސުން މިގޮތަށް ނިންމީ މިދިޔަ ހަފްތާގައި ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރަންޑޯސް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލްއާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ. މިއީ ކުރިއަށް އޮތް ހަތަރު އަހަރު އެކުންފުނިން އިންވެސްޓްކުރާ އަދަދު އެވެ.

މި އިންވެސްޓްގެ ދަށުން ދެކުނު ކޮރެއާގެ އިތުރު ސީރީޒްތަކާއި ރިއަލިޓީ ޝޯތަކާއި ފިލްމުތައް އުފެއްދުމަށް ވަނީ ނިންމާފަ އެވެ.

މި އިންވެސްޓްމަންޓަކީ 2016 ވަނަ އަހަރު ނެޓްފްލިކްސް ހިދުމަތް ދެކުނު ކޮރެއާގައި ފެށިތާ ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ދެކުނު ކޮރެއާގެ ރައީސާއި ނެޓްފްލިކްސްގެ ސީއީއޯ ބައްދަލުކުރެއްވުމުގެ ތެރެއިން

މިއީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮރެއާގެ އުފެއްދުންތަކަށް މީގެ ކުރިން އިންވެސްޓުކުރަން ނިންމި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. އެ ކުންފުނީގެ އެގްޒެކެޓިވް ބޯޑުން 2021 ވަނަ އަހަރު ވަނީ، 2016 ވަނަ އަހަރު އިންވެސްޓު ކުރި 700 މިލިއަން ޑޮލަރުގެ އިތުރަށް 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ރާވައިފަ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރެއާ ސީރީޒްތަކަކީ މަގުބޫލު ސީރީޒްތަކެކެވެ. އެގޮތުން ނެޓްފްލިކްސްގެ ކަސްޓަމަރުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލަނީ ދެކުނު ކޮރެއާގެ އުފެއްދުންތަކެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ސީރީޒްތަކަކީ "ސްކުއިޑް ގޭމް" އާއި "އޯލް އޮފް އަސް އާ ޑެޑް" އާއި "ދަ ގްލޯރީ" އަދި "އެކްސްޓްރާ އޯޑިނަރީ އެޓާނީ ވޫ" އެވެ.