ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެހާ ޒާތީ ބޭފުޅަކު ބަލަހައްޓަވާ ޖަލެއްގައި އެމަނިކުފާނު ހުންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ހުންނަވާ ގޮޅީގެ ފާހާނާއަށް ދަންދެން ހުރީ ކެމެރާ ހަރުކޮށްފައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ އަނިޔަވެރިކަމާ ޖައްބާރު ވެރިކަމުން ދިވެހީން ސަލާމަތް ކުރެވުނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޔާމިނަށް އަނިޔާކުރަމުން މިގެންދަނީ ސަރުކާރު ރާވައިގެން މުގުލުގައި ހޯމް މިނިސްޓަރު އިމްރާން ހުރެގެން ކަމަށެވެ. ސިޔާސީ މަގުސަދެއް ހާސިލް ކުރަން ދީނީ ތާކިހާ އަޅުއްވައިގެން ހުރެ އިމްރާން ކުރައްވަމުން އެގެންދަވަނީ ހުދުމުހުތާރު ކަންތައްތަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިމްރާން އަޑީގައި ހުރެގެން ޔާމީން އެތައް ހައްގަގުން މަހުރޫމް ކުރަމުން ގެންދާ ކަމަށެވެ. ޔާމީން ޖަލުގައި އޮންނަވާތާ ތިން ރޯދަ މަސް ދިޔަ އިރުވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ނުވާ ކަމަށާއި އެކިފަހަރު މަތީން ވެސް ޔާމީންގެ ސިއްހީ ހާލަތާ ގުޅެ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސް އޮފީހަށް ވެސް ދަންނަވަފައިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާއިރު އެކި ގޮތްގޮތުން އެމަނިކުފާނަށް އެތަނުގައި ތިބޭ މީހުން މެދުވެރިކޮށް ވެސް ދުއްތުރާކުރަމުން ގެންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިހާ އަނިޔާވެރި އަދި މިހާ ޖައްބާރު ހޯމް މިނިސްޓަރެއް ރާއްޖޭގެ ތާރީހުގައި ވެސް ނާންނަކަމަށެވެ.

ރައީސް ޔާމީން ހުންނަވާ ޖަލު ގޮޅިއާއި ފާހާނާގައިވެސް ކެމެރާ ހަރުކޮށް އެހުރިހާ މަންޒަރެއް މޮނިޓަކުރަމުން ގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވީ އެވެ.

"އެހެންވީމަ މިދަންނަވަނީ މިއަށްވުރެ އަނިޔާވެރި ވެރިކަމެއް ވެސް ހޯމް މިނިސްޓަރެއް ވެސް ނާދޭ. ވަރަށް ކަންބޮޑުވޭ ރައީސް ޔާމީނާ މިހާ ޒާތީ މީހެއްގެ ބެލުމުގެ ދަށުގަ ހުންނަ ޖަލެއްގައި އޮންނާތީ. އެކި ގޮތްގޮތުން މައުލޫމާތު ލިބޭ އެ ޖަލު ބަލަހައްޓާ މީހުން މެދުވެރިކޮށް ވެސް ޔާމީނަށް އެކިކަހަލަ ދުއްތުރާ ދެމުންދާކަން. ފާހާނައަށް ދަންދެން ކެމެރާ އަޅައިގެން ރައީސް ޔާމީންގެ ހުރިހާ ހަރަކާތެއް ބަލަމުން އިމްރާން އެގެންދަނީ،" އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދާއިރު ވެސް ރިޔާސީ ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓައިގެން ސަރުކާރުން އުޅޭ ކަމަށެވެ.