އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމިޝަންކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގަ އެވެ.

އިންޑިއާ ސަރުކާރުން، ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ގައުމީ ދިދަ، ކޮމާންޑިން އޮފިސަރަށް ހަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސް ސޯލިހު އެވެ. މި އުޅަނދުގެ ނަމަކީ "ސީޖީއެސް ހުރަވީ"އެވެ. މިއަދު ހިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީޖީއެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިން ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ހާއްސަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގއަށް އަރުއްވާފަ އެވެ.

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.