އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އިތުރު ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އަވަށްޓެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީހަށް އަލި އަޅުވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި ދެ ގައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ކުރިމަގުގައިވެސް ދިފާއީ ދާއިރާއިން ދެ ގައުމުން ގުޅިގެން މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަން ކުރެވިގެންދިޔަ، އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިން ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އިތުރު ވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މި ސާވޭތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިގްތިސާދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށްގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. އަދި މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށްގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ކުރިމަގުގައި ވެސް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީން އިންޑިއާގެ ޑިފެންސް މިނިސްޓަރ ދެއްވި އެވެ.