ކުރީގެ ރައީސް ޔާމީންގެ އަތް ބުރިކޮށްލަން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގޮވާލެއްވި ގޮވާލެއްވުން ޕީޕީއެމްއިން ކުށްވެރިކޮށް އެމައްސަލަ އަވަހަށް ބަލައިދިނުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ޗާގޮސް މައްސަލައާ ގުޅިގެން މެންބަރުންގެ މެދުގައި ކުރެވުނު ބަހުސެއްގެ މެދު ތެރެއިން ގުރޫޕަށް ފޮނުއްވި މެސެޖުގައި ޝިފާއު ވިދާޅުވީ ރައީސް ޔާމީނުގެ އަތްޕުޅު ބުރިކުރަން ޖެހޭކަމަށެވެ. އަދި އެމަނިކުފާނު އިތުރު 100 އަހަރަށް ޖަލަށްލާން ޖެހޭ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރު ޝިފާއު ރައީސް ޔާމީންގެ އަތް ބުރިކޮށްލަން ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިއްވަރު ދޭ އަމަލަކަށްވާއިރު މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުނަނަށް އެދޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދިނުމަށް ޝިފާއު ގޮވާލި ގޮވާލުން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޝިފާއުއަކީ އެންމެ އަޑުގަދަކޮށް މިސަރުކަރު ދިފާއުކޮށް ވަކާލާތުކުރަށްވާ އެމްޑީޕީގެ މެމްބަރަކަށް ވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށާއި މި ސަރުކަރަށް ތާއީދު ކުރާ މެމްބަރުން އިތުރުން ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުން ވެސް ޔާމީނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެގޮތުން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޒާތީ ޓުވީޓެއްގައި ވެސް ރައީސް ޔާމީނަށް އަނިޔާވެރިވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޕީޕިއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.