ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުން އިސްކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްލަހަތު ނޫން ކަމަށާ އެކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލާގައި ކުރީގެ ބަންޑަރަ ނައިބުންނާއި ކުރީގެ ވަޒީރުންނާއި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ޕާޓީތަކުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މ ދިމްޔާތުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދުންޔާ މައުމޫން ވިދާޅުވީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން އިސްކޮށްފައިވަނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ނޫން ކަމަށެވެ. އަދި ސަރުކާރުން އެމައްސަލާގައި އިސްކޮށްފައި ވަނީ މޮރިޝަސްގެ މަސްލަހަތުކަމެއް ނުވަތަ އަވެއްޓެރި ގައުމެއްގެ މަސްލަހަތު ކަމެއް ނޭނގޭ ކަމަށާ ކަމަށާ ހަމަގައިމު ވެސް ދިވެހިންގެ މަސްލަހަތު ނޫން ކަމަށެވެ.

ދުންޔާ ވިދާޅުވީ މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ބަންޑަރަ ނައިބު އިބްރާހީމް ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދު މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި މިކަމުން ރާއްޖެ އަށް ލިބުނީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނާއިރު ހަގީގަތުގައި މިކަމުގެ ކާމިޔާބުވީ މޮރިޝަސްއަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ދވެހިންގެ މަސްލަހަތެއް ނޫން އިސްކުރީ މިއީ މޮރިޝަސްއަށް ލިބުނު ކާމިޔާބީ އެއް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރު ޝާހިދު އަދި ބަންޑަރަ ނައިބު ރިއްފަތު މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ރައްޔިތުންނަށް އިނގެން ޖެހޭ މިކަމުގައި ކަންހިނގާފައި އޮތްގޮތް،" އޭނާ ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ރާއްޖެ އާއި އެއްކޮޅަށް އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑުގެ ޚާއްސަ ސަރަހައްދެއް ދެކުނުން ކަނޑައެޅިގެން ދިޔަ ކަމަށާއި އެއީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.