ހުޅުމާލޭގައި ކޮރެއާގެ ހަންބޯ ކުންފުނިން ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް އިން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެ މަޝްރޫއުގެ މައިނޯރިޓީ ހިއްސާދާރުން އެކި މީހުން އަތުން ފައިސާ ނަގާ ހިޔާނާތްތެރިވި މައްސަލައެއް އާބަންކޯއިން ފުލުހަށް ހުށަހަޅައިފި އެވެ.

އާބަންކޯ އިން ބުނީ ކޭޕާކް ރެސިޑެންސުން ސައްހަ ނޫން ގޮތެއްގައި އެޕާޓްމެންޓް ވިއްކި މައްސަލަ ފުރިހަމައަށް ތަހުގީގެއް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ދޭނެ ކަމުގެ ޔަގީންކަން އާބަންކޯއިން ދީފައިވެ އެވެ.

ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރުންގެ ތެރެއިން އެއް ހިއްސާދާރަކީ ރާއްޖޭގެ ވިޔަފާރިވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އެވެ. އަނެއް ހިއްސާދަރަކީ އެ ޕްރޮޖެކްޓް ހިންގުމުގައި ވެސް މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝަން ސައީދު އެވެ.

ހަންބޯ ކުންފުނިން ވަނީ ހަސަން މަމްދޫހުގެ މައްޗަށް މިފަދަ ގިނަ ތުހުމަތުތަކެއް މީގެ ކުރިން ވެސް ކޮށްފަ އެވެ.

ހަންބޯ ކުންފުނިން މިދިޔަ ހަފްތާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން މަންޑޭ ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ އެތައް ބަޔަކަށް ނުއަގުގައި ފްލެޓް ވިއްކާފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.