ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ކާމިޔާބު އުފެއްދުންތަކެއް ގެނެސްދީފައިވާ ކަޒްމިކް އިންޓަނޭޝަނަލް އިން ފުރަތަމަ ފީޗާ ފިލްމު އިއުލާނު ކޮށްފި އެވެ.

"ފްރީ ޑެލިވަރީ" ނަމުގައި އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު އެވެ.

"ކަޒްމިކް" ގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓުކުރި ވީޑިއޯއެއްގައި ވަނީ ތީމު ރާގާ އެކު ފިލްމުގެ ޓައިޓަލް ދައްކާލައިފަ އެވެ.

ޑާކް ކޮމެޑީ ޖޮންރާގެ މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އޭޕްރީލް މަހު ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިހާރު ފިލްމްގެ 75 އިންސައްތަ ޝޫޓިން ނިންމާލެވިފައިވާ ކަމަށް ވެސްވެ އެވެ.

ފިލްމުގެ ކާސްޓްގައި ގިނަ، އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީ ވެސް އާ ތަރިންތަކެއް ކަމަށް ވެސް ފިލްމްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވަނީ ބުނެފަ އެވެ.

"ކަޒްމިކް އިންޓަނޭޝަނަލް" އަކީ ދިވެހި ސްޓްރީމިން ޕްލެޓްފޯމުތަކާ ގުޅިގެން މަގްބޫލު ސީރީޒްތަކެއް އުފައްދާފައިވާ ބައެކެވެ. އޭގެ ތެރޭގައި، "މީޑިއާނެޓް" އާ ގުޅިގެން ނެރުނު، އަޒްހާން އިބްރާހިމް ޑައިރެކްޓުކޮށްފައިވާ ކްރައިމް ތުރިލާ "ދަރަކް" ސީރީޒާއި، "ބައިސްކޯފް" އާ ގުޅިގެން ނެރުނު އިއްލެ ޑައިރެކްޓުކޮށްފައިވާ "މަޒްލޫމް" ސީރީޒް ފާހަގަކޮށްލެވެ އެވެ.