މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރު އޭނާގެ ދަރިފުޅު ރަހާ ކަޕޫރު ނިންދަވަނީ ވައި ލައްވުވައިގެންކަމަށް އޭނާ ބުނެފި އެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކޮށްގެން އަހަރެއްގެ ތެރޭގައި ދަރިއަކު ލިބިފައިވާއިރު އެ ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ރަހާ ކަޕޫރު އެވެ. ރަހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހުށަހަޅައިދޭ ޝޯއެއް ކަމަށްވާ "ވަޓް ވުމަން ވޯންޓް" ސީޒަން 4ގެ އެޕިސޯޑެއްގައި ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަންބީރު ވަނީ އޭނާ ދަރިފުޅާއި އެކު ވަގުތު ހޭދަކުރާ ވާހަކަ ދައްކައިފަ އެވެ.

އެގޮތުން ދަރިފުޅު ނިންދަވައި ހަދާކަން ފާހަގަކޮށް ރަންބީރު ބުނީ، އޭނާ ދަރިފުޅު ނިންދަވައި ހަދަނީ ކޮނޑުމައްޗަށް ލައިގެން ވައި ލައްވުވައިގެން ކަމަށެވެ. އަދި އެހެން ހެދުމުން ރަހާ ވަރަށް އަވަހަށް ނިދާލާ ކަމަށް ވެސް ރަންބީރު ބުންޏެވެ.

ރަންބީރު ބުނިގޮތުގައި ދަރިފުޅުގެ ކަންކަމުގައި އެންމެ ބޮޑަށް ހާސްވެ ވިސްނަނީ އަންހެނުން އާލިއާ އެވެ. އަދި ރަންބީރު ގިނައިން ހުންނަނީ ހަމަޖެހިގެން 'ކާމް' މައިންޑެއްގައި ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ރަހާއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ރަންބީރު ބުނީ ރަހާއަށްވުރެ މުހިއްމު އެހެން އެއްވެސް ކަމެއް އޭނާގެ ދިރިއުޅުމުގައި މިހާރު ނުވާ ކަމަށެވެ. އަދި ބައްޕައަކަށް ވުމަކީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.