ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަގައި ދައުވާކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ދައުލަތުގެ ވަކީލުން ބުނެފި އެވެ.

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ފުއްގިރު މައްސަލާގައި ވެސް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދައުލަތުން އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ފަހު ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައީ އެއްބަސްވުމުގެ ދަށުން ކަމަށް ބެލެވޭ ކަމަށެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާ ގެ މައްސަލާގައިވެސް އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން ހަދާ ލުއިތަކެއް ދިން ކަމަށާއި އަދި ހިޔާނާތުގެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ކަމަށެވެ. އަދި ހަމަ މިއެގްރީމަންޓުގެ ދަށުން ފިނިފެންމަ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައިވެސް އަދީބު އަށް ދައުވާ ނުކުރެވޭ ގޮތަށް ލުއިތަކެއް ދީފައިވާ ކަމަށް ޔާމީންގެ ވަކީލް ވިދާޅުވި އެވެ.

އެއީ ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެނެސް، ދައުވާ ކުރުމާމެދު އަލުން ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އެއްބަސްވެފަ އޮތް އެއްބަސްވުން ކަމަށް ވެސް ޔަމީންގެ ވަކީލުން ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން އެމައްސަލަ ނެންގެވުމުން މިއަދުގެ ޝަރީއަތުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ފިނިފެންމާ ލޯންޗު ކޮޅުގެ މައްސަލަ ކިހާ ހިސާބަކަށް ގޮސްފައިވޭތޯ ދައުލަތާ ސުވާލު ކުރައްވާފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި މި ވަގުތު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އަދި އެމައްސަލަ މިހާރު އޮތް ހިސާބަކާއި ދައުލަތުގެ ސްޓޭންޑް ޖެހޭނީ ސާފުކުރަން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ސެމްޓެމްބަރު 2015 ގައި ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސައުދީ އަރަބިއްޔާ އިން އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ.

އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި އެ ހުކުމް މި ސަރުކާރު އައިފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އޭގެ އިތުރުން އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ އޭނާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.