ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި، ކުކުޅެއް، ގުރައަކަށް ހަދައިގެން ވިއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވީ، މީހަކު އޭނާ ގެންގުޅޭ ކުކުޅެއްގައި ފެހި ކުލަ ޖައްސައި، އެއީ ރިންގްނެކް ގުރައެއް ކަމަށް ބުނެ މަޝްހޫރު އޮންލައިން ޕްލެޓްފޯމް ކަމަށްވާ 'އޯއެލްއެކްސް' ގައި ވިއްކަން ޖެހުމުންނެވެ.

އެ ވެބްސައިޓުގައި އޭނާ ގެންގުޅުނު ކުކުޅު ގުރައެއް ކަމަށް ބުނެ ވިއްކަން ޖަހާފައިވަނީ ޕާކިސްތާނުގެ 6500 ރުޕީސްއަށެވެ. އެއީ 354 ދިވެހި ރުފިޔާ އެވެ.

އޯއެލްއެކްސްގައި ގުރައެއް ކަމަށް ބުނެ ވިއްކަން ޖެހި އިރު، ރިންގް ނެކް ގުރާ ލައްވާ އެކި އަޑުތައް އެ ކުކުޅު ވެސް ލައްވާކަމަށް އޭނާ ޖަހާފައިވެ އެވެ. އަދި ގަންނަން ބޭނުންވާ ފަރާތްތަކުން މެސެޖު ކުރުމަށް ވެސް ޖަހާފައިވެ އެވެ.

މި ޕޯސްޓު ލުމުން ގިނަ ބަޔަކު ބުނީ، މިއީ ބަޔަކު ސަމާސާ ކުރަން ލާފައިވާ ޕޯސްޓެއް ކަމަށެވެ. އަދި މީހުން އޮންލައިންކޮށް ތަކެތި ގަންނަ ވެބްސައިޓެއްގައި މިފަދަ އެއްޗެތި ޖެހުމަކީ ވެބްސައިޓުގެ އިތުބާރު ގެއްލޭ ކަމެއްގެ ގޮތުގައި އާންމުން ފާހަގަކޮށްފައިވެ އެވެ.