ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚާރިޖީ ދާއިރާގައި ހިދުމަތް ކޮށްދެއްވި މ. އެންދެރިމާގެ، އާބިދާ އަހްމަދު ނިޔާވެއްޖެ އެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވުމަށްފަހު އާބިދާ ނިޔާވީ އުމުރުފުޅުން 66 އަހަރުގަ އެވެ. އެކަމަނާ ނިޔާވީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

މިއަދު އަޞުރު ނަމާދަށް ފަހު،އާސަހާ މިސްިތުގައި އާބިދާގެ ޖަނާޒާ އޮންނާނެ އެވެ.

އާބިދާ ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓްވީޓް ކުރައްވާފައިވާއިރު، މިނިސްޓަރު ވިދާޅުވިގޮތުގައި މިއަދު ވަކިވެގެން ދިޔައީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އަދި އާބިދާގެ ހަނދާންތައް އެމިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ފިލައިގެން ނުދާނެކަމަށާއި، އާބިދާ ނެތް ކަމުގެ އިހްސާސް އަބަދުމެ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާބިދާ ސަރުކާރުގައި އެންމެ ފުރަތަމަ ހިދުމަތްކޮށްދެއްވީ މުލިއާގޭ މެއިޑެއްގެ ގޮތުގަ އެވެ. އެއީ ނޮވެންބަރު 15، 1978 ގަ އެވެ. އަދި ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވީ އޮގަސްޓް 15، 1985 ގަ އެވެެ.