މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނާތީ މާލެ އާއި ވިލިމާލެ އަދި ވިލިމާލެ އާއި ގުޅިފަޅު އެސަރަހައްދުގައި ދަތުރު ކުރުން މިދިޔަ އަހަރުގެ އޮގަސްޓު 15 ގައި ވަނީ މަނާ ކޮށްފައި އެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ވަރަށް ގިނަ އުޅަނދުތައް އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ޓްރާންސޕޯޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މިނިސްޓްރީން ބުނީ ބްރިޖްގެ މަސައްކަތް ކުރާ އެސަރަހައްދުން ދަތުރު ކުރާނަމަ ގާނޫގެ ދަށުން ފިޔަވަޅު އޅާނެ ކަމަށެވެ. އެގޮތުން އެ ދިމާލުން ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެ ކަމަށެވެ.

އަދި ބްރިޖުގެ މަސައްކަތް ހިނގަމުންދާތީ އެސަރަހައްދު ބަންދު ކޮށްފައިވާ ކަމަށްވެސް މިނިސްޓްޜީން ބުނެއެވެ.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

ބްރިޖްގެ ގިނަ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ގާއިމުކޮށްފައިވާ އެފްކޯންސްގެ ސައިޓުގަ އެވެ. މިގޮތުން ތަނބުތަކާއި ބްރިޖްގެ މައި ސްޓްރަކްޗާގެ އެކި ބައިތައް ވަކިވަކިން ހެދުމަށްފަހު ގެންދަން ޖެހޭ ސަރަޙައްދަކަށް ގޮސް އިންސްޓޯލް ކުރުމަށް ވަނީ ނިންމާފަ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.