ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ބާތިލުކުރުމަށް ސްޕުރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި މުހައްމަދު މުސްތާގް އަދި ލ. ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކު އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރާ ނިންމަވާފައި ވަނީ އެމައްސަލަ ރަޖިސްޓްރީ ނުކުރުމަށެވެ. އެހެންވެ އެމައްސަލަ ހުށަހެޅުއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ރަޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން ހުށަހެޅުމަށް ނިންމަވާފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމަށާއި އަދި އެ ސިޓީތައް ހާމަކުރުމުގެ އިތުރުން އެކަމުގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކޮށް ދިނުމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.