ޕެންޝަން ފަންޑުން މިއަހަރު މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރަތްތަކަށް އެފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން، މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ބޭނުންވާ ކުންފުނިތަކުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރީން ސިޓީ އިން ނުވަތަ ޕެންޝަން އޮފީހަށް އީމެއިލް ކޮށްގެން އެކަން އެންގުން އެދޭ ކަމަށެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭނީ ޕެންޝަން އޮފީހާ އެކު، އެއްބަސްވުން ހަދާފައިވާ، ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހުން ހައްޖަށް ފޮނުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 13 މީހަކު ޕެންޝަން ފަންޑުން ހައްޖަށް ދިޔަ އެވެ.

ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ ގޮތުން، ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުންނަށެވެ. އެ އަދަދު ހަމަވިޔަސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ. ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 އިންސައްތަ އެވެ.