ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ރޭ ބައްދަލުކޮށްފި އެވެ.
އެމްޓީޑީއާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ މިބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ހޮވުމަށް އެކިއެކި ސިޔާސީ ޕާޓީތަކާ އެކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ދައުވަތު ދެއްވި ކަމަށެވެ. މިބައްދަލުވުމަކީ ވެސް އެގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއީ އެމްޓީޑީއާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށާ ކުރިއަށް އޮތް ތަނުގައި ވެސް އެޕާޓީ އާއެކު މިއަށްވުރެ ފުޅާކޮށް ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށާ އަދި މަޝްވަރާ ކުރީ ރިޔާސީ އިންތިހަބާއި މެދު އެބޭފުޅުންގެ ވިސްނުން ހުރި ގޮތާއި ކުރިއަށް ދެވޭނެ ގޮތް ތަކާމެދު ކަމަށް އަމީން ވިދާޅުވި އެވެ.
"ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑުމެންގެ ހުށަހެޅުމާ މިކަމުގަ ކުރިއަށްދާން ބޭނުންވާ ގޮތަކާ އަދި އެބޭފުޅުންގެ ވިސްނުންތައް ހުރިގޮތަކާއި މެދު މި މަޝްވަރާ ކުރީ؛ މި ހަމަ ދެ ޕާޓީ އެކުގައި ކުރިއަށް ދިއުމަށް ތައާރަފްވެލުމެއް ފުރަތަމަ މިއޮތީ މި ބައްދަލުވުމަށް ފަހު އެބޭފުޅުންގެ ވެސް މައިގަނޑު ހުށަހެޅުން ތައް އަޅުގަނޑުމެންނަށް ލިބުނީމަ ކުރިއަށް އޮތްތަނުގަ ބައްދަލުވުންތައް ބައްވާނެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދޅާުވީ އެމްޓީޑީ އާއި އެކުވެސް ރިޔާށީ އިންތިހާބުގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓިން ވަކީން ވާދަ ކުރާ ގޮތަށް ވަނީ ނިންމާފައި އެވެ. އެހެން ނަމަވެސް ޖޭޕީ އާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް ހުރިހާ ޕާޓީތަކަކަށްވެސް ވަނީ ދައުވަތު ދީފަ އެވެ.
އެގޮތުން އެމްޑީޕީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ފެކްޝަނާއި އެކު ޖޭޕީ އިން އަންނަނީ ފެނިފެސްޓޯއެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެހެން ނަމަވެސް ޖޭޕީ އާއި ރައީސް ނަޝީދު އެކުގައި ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.