ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރިމަތި ނުލައްވާނެ ކަމަށް ބުނެ އަޑު ފަތުރަނީ ގާސިމް އަށް އޮންނަ ތާއިދު އެހެން ދިމާލަކަށް އަނބުރާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރެއްވޭތޯ ގާސިމް ހުންނެވީ މަޑުކޮށްލައްވައިގެން ކަމަށް އަޑުފެތުރިފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ ގާސިމް ވާދަ ނުކުރައްވާނެ ކަމަށް ބުނެ ދެކެވޭ ވާހަ އަކީ މިދަނޑިވަޅުގައި ދެކެވޭނެ ވާހަކައެއް ކަން ގާބުލުކުރައްވާ ކަމަށެވެ. އަމީން ވިދާޅުވީ ޖޭޕީގެ ކެމްޕެއިން އަދި ރަސްމީކޮށް ނުފަށާ ކަމަށާ ކެމްޕެއިނަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެހެންވީމާ އެގޮތައް އެވާހަކަ އެދައްކަނީ ޖޭޕީގެ ސިޔާސީ ހަރަކާތްތައް ތަރުތީބުވެގެން އިންތިޒާމް ކުރެވިގެން ދާގޮތް ނޭނގޭތީ ކަމަށެވެ.

އެގޮތަށް އެވާހަކަ ދައްކަނީ ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޖޭޕީ އަށާއި ގާސިމް އަށް ތާއިދު ކުރައްވާ ބޭފުޅުންގެ ތާއިދު އެހެން ދިމާލަކަށް އަނބުރަލަން ކަމަށް އަމީން ވިދޅަުވި އެވެ.

"އެބޭފުޅުންގެ އަމާޒަކަށްވާނީ އަޅުގަނޑުމެންނާ ގުޅެން ތިބި މީހުން ހުއްޓުވުން އަދި ތާއިދު ކުރާ ބޭފުޅުން އެހެން ދިމާލަށް އަނބުރާލުން އެގޮތައް ކުރެވޭ މަސައްކަތެއް ކުރެވޭނެ،" އަމީން ވިދާޅުވި އެވެ.

އެ ވާހަކަތަކައި ގުޅިގެން ގާސިމް އިބްރާހީމްވެސް ވަނީ ރައްދު ދެއްވާފައި އެވެ. ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެތޯ އަދިވެސް ބައެއް މީހުން ސުވާލު ކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ. އަދި އެހެން ޕާޓީއަކާއެކު ކޯލިޝަން ނުހަދާވިޔަސް ޖޭޕީ އިން އިންތިހާބުގައި ވާދަކުރާނެ ކަމަށް ވިދާޅުވި އެވެ.