ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ބާތިލްކޮށް ދިނުމަށް އެދޭ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅަކު ހުށަހެޅުއްވި އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފަ އެވެ.
އުމަރު މިއަދު ވިދާޅުވީ ރައީސް ފޮނުއްވި ސިޓީއަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ގާނޫނުގެ އިތުރުން ރާއްްޖެެ ސޮއިކޮށްފައިވާ "އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ" މުއާހަދާ އާއި، ރައްޔިތުންގެ މަޖިލިސްގެ ލަފައެއް ވެސް ހޯދުމަކާއި ނުލައި، ޣައިރު ދުސްތޫރީ ގޮތަކަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އިންތިހާއަށް އޮތްކަމެއްގައި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މޮރިޝަސް އަށް ދޫކޮށްލި މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން ފަޑިޔާރުންގެ މަޖިލީހަށް އެޕީލް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގައި އަލުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރުގެ އިތުރުން އެ މައްސަލަ ހުށަހެޅުއްވީ މުހައްމަދު މުސްތާގް އާއި ލ. ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކު އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމަށާއި އަދި އެ ސިޓީތައް ހާމަކުރުމުގެ އިތުރުން އެކަމުގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކޮށް ދިނުމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.
ތިޔަކަންތައްތައް ހުއްޓާފައި އެންމެ ފަސޭހަގޮތަކީ އުމަރު ގޮސް ޗާގޯހާއި މޯރިސަސް ރާއްޖޭގެ ދަށަށް ގެނައުމެވެ. ދާގޮތަށްގޮސް ސޫޓް ކުރާނީ އެވެ. އުމަރަށް އެކަންވާނެއެވެ. ދިވެހިންގެ ސަޕޯޓެއް ނުލިބުނަސް އެތަންތަނުގައި އުޅޭ މީހުން ބިރުން ސަޕޯޓް ކުރާނެއެވެ.