އެސްއެސް ރާޖަ މޯލި ޑައިރެކްޓުކޮށްފައިވާ ދެކުނު އިންޑިއާގެ ޓެލޫގޫ ފިލްމު "އާރްއާރްއާރް" ޖަޕާނުގައި ދައްކާތާ 200 ދުވަސް ވެއްޖެ އެވެ. މިހާތަނަށް ޖަޕާނުން އެފިލްމަށް 1،955 ޖަޕަނީސް ޔެން (14.50 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި މިފިލްމަކީ ޖަޕާނުގެ އެންމެ މަގުބޫލު އެއް ހިންދީ ފިލްމެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިލްމު ޖަޕާނުގައި އަޅުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އާރްއާރްއާރް" އަކީ މި އަހަރު އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހޯދި ފިލްމެކެވެ. އެއީ ފިލްމުގެ ލަވަ "ނާޓު ނާޓު" އަށް ލިބުނު އޮރިޖަނަލް ސޯންގް އެވޯޑް ލިބިގެން ގޮސްފަ އެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދި މި ފިލްމަށް 1200 ކްރޯޑް ލިބުނު އިރު، ނިއުޔޯކް ފިލްމް ކްރިޓިކް ސާކްލްގެ އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑް ވެސް ވަނީ މި ފިލްމަށް ލިބިފަ އެވެ.

މި ފިލްމު ރިލީޒް ކުރީ މިދިޔަ އަހަރު މާޗު މަހު 24 ގަ އެވެ. އަދި ހިންދީ ބަހުން އަޑުއަޅާފައިވާ މި ފިލްމު ނެޓްފްލިކްސްގެ ޓޮޕް ޓެން ޗާޓުގައި ވެސް ގިނަ ދުވަހެއް ވަންދެން އޮތެވެ.

"އާރްއާރްއާރް" އަކީ އިނގިރޭސީންގެ އަޅުވެތިކަމުގެ ތެރޭގައި އިންޑިއާ އަށް އޮތް ދުވަސްވަރާ ގުޅުވައިގެން 1920 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދިން ފިލްމެކެވެ. މި ތެލެގޫ ފިލްމުގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއ އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.