ޓެކްނިކަލް މައްސަލައެއް ދިމާވެ، އިމިގްރޭޝަނުން ދެމުންގެން އަންނަ ޕާސްޕޯޓްގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.
އިމިގްރޭޝަންއިން ކުރި ޓުވީޓެއްގައި ބުނީ އެ ހިދުމަތް އަލުން ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މިއަދު މެންދުރު އަލުން ހިދުމަތް ދެވެން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ހިދުމަތް ދޭން ފެށޭނެ ސީދާ ގަޑިއެއް އެތަނުން ނުބުނެ އެވެ.
ޕާސްޕޯޓްގެ ހިދުމަތް މެދުކެނޑުނުއިރު ސްކޫލް ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހެދުމަށް މިދުވަސްވަރު ގިނަ ބަޔަކު ދަނީ ހުށަހަޅަމުންނެވެ.
އެގޮތުން މިހާރު ދުވާލަކު 280 އެއްހާ ޕާސްޕޯޓު ދޫކުރަމުންދާ ކަމަށާއި، ދުވާލަކު 300 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓަށް އެދި ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މީގެ ކުރިން ކުރިން ދުވާލަކަށް 170-160 އާ ދެމެދަށް އެ އިދާރާއިން ޕާސްޕޯޓު ދޫކުރެ އެވެ.
އިމިގްރޭޝަނުން ޕާސްޕޯޓްގެ ހިދުމަތްތައް ދެނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށެެވެ.
އާންމުގޮތެއްގައި އީދު ޗުއްޓީތަކަށާއި، ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޕާސްޕޯޓު ހައްދަން އެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.