ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައި ރައީސުލްޖުމްހޫރިއްޔާވިދާޅުވީ ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާއިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ހައްގަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާގުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުން ކަމަށެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް، ކުޑަކުއްޖެއްގެ އުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މަނިކުފާނުގެ ޚިތޯބުގައި ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް ބައްދަލުކުރާނެ އެންމެ ފޮނި ދުވަސްތަކަކީ ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ހޭދަކުރާ ދުވަސްތަކެއްކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ހަޔާތުގެ އެ ފޮނިކަން އެ ކުދިންނަށް އިހުސާސްކުރެވޭނީ، އެ ކުދިންގެ އާއިލާގެ ތެރެއިންނާއި، ސްކޫލް މާހައުލުގެ އިތުރުން، މުޅި މުޖުތަމައުން ވެސް އެ ކުދިންނަށް ލޯތްބާއި ރައްކާތެރިކަން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމުގެ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތަޢުލީމު ލިބިގެން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ، ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކު ވެސް އެ މީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުސަތު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވުމަށް ރައީސް ގޮވާލެއްވި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށްކަމަށާއި، އެހެންކަމުން ކޮންމެ ކުއްޖަކީވެސް، ގައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖުތަމަޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އަނެއް ކަމަކީ، އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި، މުޖުތަމަޢުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ، އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިން ކަމަށް ވާތީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައި ކަމަށް ރައީސް ހަނދާން ކޮށްދެއްވި އެވެ.

ރައީސް ވަނީ ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށާއި، ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށް ހެދުމަށް އަޒުމް ކަނޑައެޅުއްވުމަށް ގޮވާލައްވާފަ އެވެ.