ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުން އަލުން ގުޅުން ގާއިމުކުރަން ނިންމި ނަމަވެސް، ރާއްޖެއިން އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ގަތަރާއި ރާއްޖެ ސިޔާސީ ގުޅުން ކަނޑާލީ ސައުދީއަރަބިއްޔާއިން ސިޔާސީ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ. ސައުދީން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ ޖޫން 5، 2017 ގަ އެވެ. ސައުދީ އަށް ފަހު ޔޫއޭއީ، ބަހުރޭން، މިސްރު އަދި ދިވެހި ރާއްޖެ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީން ވަނީ ގަތަރާ ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ވެސް ކަނޑާލައިފަ އެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން އަލުން ވަނީ ގުޅުން ގާއިމުކުރަން މިއަދު އެއްބަސްވެފަ އެވެ. ސައުދީ އަރަބިއާގެ އިހުގެ ސަހަރާ ސަރަހަދެއް ކަމަށްވާ އަލް އުލާގައި މިއަދު ފެށި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ ބައިވެރިވަޑައިގެންފަ އެވެ.

އިތުބާރުހުރި ފަރާތަކުން "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ގަތަރާއި ރާއްޖެ އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާމެދު ސައުދީން މިހާރު ދެކޮޅެއް ނުހަދަ އެވެ. އަދި ސައުދީން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު މުތުރިކް ބިން އަބްދުﷲ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ވަނީ ސައުދީ އަރަބިއްޔާއިން ވެސް ގަތަރާއި ގުޅުން ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ރަސްމީވުމުން ދިވެހިރާއްޖެއިން ވެސް ގަތަރާ ގުޅުން ގާއިމުކުރުމުގައި ހުރަހެއް ނެތް ކަމަށް ސަފީރު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު މިއުވާން މިރޭ "ހުރިހާ"އަށް ވިދާޅުވީ ސައުދީ ސަފީރު ދެއްކެވި ކަމަށް ވިދާޅުވި ވާހަކަތަކުގެ ހަގީގަތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުން އަލުން ގުޅުން ގާއިމުކުރުމުން ރާއްޖެއިން އެ ގުޅުން ގާއިމުކުރާނެ ކަމަށް ކުރިން ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އެ ގައުމުތަކުން ގުޅުން އަލުން ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ. އެހެންވީމަ އެ ޕްރޮސެސް ނިމެން މަހެއްހާ ދުވަސް ނަގާނެ. ރާއްޖެއިން ކުރިން ވެސް ބުނެފައި ވާނެ އެ ގުޅުން އަރަބި ގައުމުތަކުން ގާއިމުކުރުމުން ކުރާނެ ކަމަށް،
މިއުވާން

"މިއަދު އެ ގައުމުތަކުން ގުޅުން އަލުން ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ. އެހެންވީމަ އެ ޕްރޮސެސް ނިމެން މަހެއްހާ ދުވަސް ނަގާނެ. ރާއްޖެއިން ކުރިން ވެސް ބުނެފައި ވާނެ އެ ގުޅުން އަރަބި ގައުމުތަކުން ގާއިމުކުރުމުން ކުރާނެ ކަމަށް،" މިއުވާން ވިދާޅުވި އެވެ.

ގަތަރާއި އަލުން ގުޅުން ޤާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވަން ވައުދުވެވަޑައިގަތް ކަމެކެވެ. އެހެން ނަމަވެސް މިހާތަނަށް އެކަންވަނީ ނުކުރެވި އެވެ.

އޭނާ ވިދާޅުވީ ގަތަރާ އަލުން ގުޅުން ގާއިމުކުރުމާ މެދު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނެތް ކަމަށެވެ.

ކުވައިތު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ސައުދީ އާއި އެހެން ގައުމުތަކުން ވަނީ ގަތަރާ އަލުން ގުޅުން ގާއިމުކުރަން އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ސައުދީގެ ބޯޑަރު ގަތަރަށް އަލުން ހުޅުވާލަން ވަނީ އެއްބަސްވެފަ އެވެ.