އިންސާނުންނަށް ފެންނަ ހުވަފެންތަކަކީ ބައެއް ފަހަރު ހަނދާން ނެތޭ އެއްޗެކެވެ. އަދި އަނެއް ފަހަރުތަކުގައި އެ ހުވަފެނެއް ހަނދާނުން ފިލުވައިލާން ދަތިވާވަރަށްވެސް ހަނދާނުގައި ހުރެ އެވެ.

ހަމައެހެންމެ ބިރުވެރި ހުވަފެންތަކާއި އެހެނިހެން ހުވަފެންތައް ފެނުމުން އޭގެ ފަހަތުގައި ކޮންމެވެސް ހަގީގަތެއް ވާކަން ނުވަތަ އެކަމަކީ، ކަމެއް ވާން އުޅޭކަމުގެ އަލާމާތެއް ކަމަށް ބައެއް ފަހަރު ހީކުރެވެ އެވެ.

އެގޮތުން ގިނަ ބަޔަކަށް ފެންނަ ކަމަށް ފާހަގަކުރާ އެއް ބާވަތެއްގެ ހުވަފެނަކީ، އެހުވަފެނެއްގައި ހަރުފަ ފެންނަ ހުވަފެންތަކެވެ. މިފަދަ ހުވަފެނަކީ ސިހުރުގެ އަލާމާތެއް ކަމަށްވެސް ބުނެވެ އެވެ.

އަށްވަނަ ގަރުނުގައި އެންމެ މޮޅަށް، ހުވަފެން ތައުބީރު ކުރެއްވި ތާބިއީ ބޭކަލެއް ކަމަށްވާ މުހައްމަދު އިބްނު ސީރީން، ހުވަފެން ތައުބީރު ކުރައްވާފައިވާ ގޮތުން، ހުވަފެނުގައި ހަރުފަ ފެނުމަކީ ދުޝްމަނެއްވާކަމުގެ އަލާމާތެކެވެ. އަދި ހުވަފެނުގައި ހަރުފައާ އެކު ދިމާވާނެ ކަންކަމަކީ ދިރިއުޅުމުގައިވެސް ދުޝްމަނަކާއެކު ދިމާވެދާނެ ކަމެއް ކަމުގައި ތައުބީރު ކުރައްވާފައިވެ އެވެ.

ހުވަފެންތަކުގެ ތެރެއިން ފެންނަ ތަފާތު ވައްތަރުގެ ހަރުފަތަކަކީވެސް ތަފާތު ކަންކަން ދޭހަކޮށްދޭ ކަމެކެވެ. އެގޮތުން ހުވަފެނުގައި ފެންނަ ހަރުފަ ބޮޑުވި ވަރަކަށް، ދުޝްމަނުގެ ބާރާއި ނުފޫޒު ބޮޑުކަން އަންގައިދެ އެވެ.

ދިރިއުޅޭ ގޭގައި ހަރުފަ ފެންނަނަމަ، އާއިލާގެ ތެރޭގައި ހަސަދަވެރިއަކު ހުންނަކަން ދޭހަކޮށްދެ އެވެ. އަދި ދިރިއުޅޭ ގެއިން ހަރުފަ ނިކުމެގެން ދާތަން ފެންނަނަމަ، އެއީ މުސީބާތަކާއި ކުރިމަތިވުން ކަމުގައި ދޭހަކޮށްދެ އެވެ.

ހުވަފެނުގައި ހަރުފައަކާއި ކުރިމަތިލައި، ކާމިޔާބީ ހާސިލްކުރާނަމަ، އެއީ، ދުޝްމަނެއްގެ މައްޗަށް ގަދަވެގަތުން ކަމުގައި ބެލެވެ އެވެ. ހަމައެހެންމެ ހަރުފައަކާއި ކުރިމަތިލައި ބަލި ވެއްޖެ ނަމަ ދުޝްމަނެއް، ތިމާގެ މައްޗަށް ގަދަވެގަންނަކަން ދޭހަކޮށްދެ އެވެ. އަދި ހުވަފެނުގައި ހަރުފަ ދަތް އަޅާނަމަ، ދުޝްމަނެއްގެ ކިބައިން ގެއްލުމާއި ހަލާކު ލިބުން އެކަށީގެންވާކަން އަންގައިދެ އެވެ.

ހުވަފެނުގެ ތައުބީރުތައް ހުރިނަމަވެސް، ބިރުވެރި ހުވަފެނެއް ފެނިއްޖެ ނަމަ، އެ ކަމުގެ ވާހަކަ މީހުންނަށް ހާމަނުކޮށް، އެފަދަ ކަންކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲގެ ހަޟްރަތުން ދުއާ ކުރުމަށް އިސްލާމް ދީނުގައި ބާރުއަޅަ އެވެ.

ނޯޓް: މި އާޓިކަލް އަކީ އިބުނު ސީރީން ލިޔުއްވި ހުވަފެނުގެ ތައުބީރު ފޮތްކަމަށްވާ 'ތާބީރް އުރް ރޯޔާ' ފޮތުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އާޓިކަލްއެކެވެ.