ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަމަށްބުނެ ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރުންގެ ތެރެއިން ރާއްޖޭގެ ވިޔަފާރިވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އާއެކު ވިޔަފާރިކުރި އާބަންކޯގެ މުވައްޒަފު ސަސްޕެންޑު ކޮށްފި އެވެ.

އާބަންކޯ ވަނީ ކޭޕާކް ރެސިޑެންސުން ސައްހަ ނޫން ގޮތެއްގައި އެޕާޓްމެންޓް ވިއްކި މައްސަލަ ފުރިހަމައަށް ތަހުގީގެއް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް ހުށަހަޅާފައި އެވެ. އަދި އެ މައްސަލާގައި ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ދޭނެ ކަމުގެ ޔަގީންކަން އާބަންކޯއިން ދީފައިވެ އެވެ.

އަބަންކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުންނާއި އާބަންކޯގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުޤީޤުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރު އެމުވައްޒަފު 14 ދުވަހަށް ސަސްޕެންޑު ކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

ސަސްޕެންޑު ކޮށްފައިވަނީ އާބަންކޯގެ ރިއަލް އެސްޓޭޓް ބައިގައި މަސައްކަތްކުރާތާ 9 އަހަރު ވެފައިވާ އަބްދުއް ނާފިއު މުހައްމަދު އެވެ. އޭނާ އަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މުވައްޒަފެކެވެ.

މިމައްސަލާގައި މަންޑޭއަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ ރައްދު ދީފައި އެވެ. އޭނާ ބުނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ޖިން ޝީހޫ މަސައްކަތްކުރީ ފްލެޓް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެއިން ފިލަން ކަމަށެވެ. އަދި މަންޑޭގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ބޭނުންވާ ގޮތަށް ކަންތައް ނުވުމުން ކަމާސް މަންޑޭ ބުނެފައިވެއެވެ.

ހަންބޯ ކުންފުނިން ވަނީ ހަސަން މަމްދޫހުގެ މައްޗަށް މިފަދަ ގިނަ ތުހުމަތުތަކެއް މީގެ ކުރިން ވެސް ކޮށްފަ އެވެ.