ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފާސްކޮށްފި އެވެ.
ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް ގާނޫނީ އޮނިގަނޑު އިސްލާހުކޮށް ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓްގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމެވެ. މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަމާއި ދުނިޔޭގެ މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވޭ. އެކަމުގެ އަސަރު ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވޭ،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
ފާރިސް އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ހުރި އިގްތިސާދީ ފުރުސަތުތައް ފުޅާވެ، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި ރާއްޖެއަކީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ނަމަވެސް، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. ދާދި ފަހުން އިގްތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައި ކަމަށް އެ ބޭންކުން ބުނެ އެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި އިގްތިސާދީ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ސަރުކާރުގެ ވިސްނުން ހުރީ، މިހާރު ވެސް ލަސްވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް އަވަސްކޮށް، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއި ހުނަރާއި ވަޒީފާގެ ދަތިކަމާއި ގުދުރަތީ ވަސީލަތްތައް މަދުވުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވާދަކުރަން ޖެހުން ފަދަ ދަތި އަދި ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.
ތި ލިބޭ ފައިސާގެ އެހީ އަށް ހަމަ ރަނަގަޅަށްވެސް ބޭކާރު ޚަރަދު ނުކޮށް ފައިސާދިން މަޤުުޞަދު ހާސިލްކުރުވޭތޯބަލާތި. ޙަވާލު ކުރާފަރާތް ތަށް ޒިންމާދާރު ކުރުވާތީ. ޅިބުނީމަ ކާނުލާތި.ޕްލީސް