އެމްއެމް އެކްސްޕޯޓްގެ ޓަގު ބޯޓަކާއި ބާޖެއް 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި އެކުންފުނި 100 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ފައިސާ ނުދައްކާތީ ދައުލަތުން އެކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެއް އެރި މައްސަލާގައި އެ އުޅަނދުތައް ނިސްބަތްވާ އިންޑިއާގެ މެއިންލޭންޑް ޝިޕިން އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނި ޖޫރިމަނާ ކުރީ މާޗު، 2018 ގަ އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީން ވެސް އެ ޖޫރިމަނާ ފައިސާ ދައްކަން އެކި ފަހަރުމަތިން އެކުންފުންޏަށް ދިން މުހުލަތު ހަމަވުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ އީޕީއޭއިން ވަނީ އެކުންފުންޏަ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ބަންޑަރަނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.
އޭޖީ އޮފީހުން ބުނީ އެމައްސަލަ މިހާރު ކޯޓުގައި ކުރިއަށް ދާކަމަށެވެ. އަދި މިހާރު އޮތި ދައުވާ ރައްދުވާ ފަރަތައް މައްސަލައަށް ތައްޔާރުވުމަށް ފުރުސަތު ދީފައި ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުންތައް އީޕީއޭއިން ބެލި އިރު ފަރުގެ ގާތްގަނޑަކަށް 4370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށް މީގެ ކުރިން އީޕީއޭއިން ވަނީ ބުނެފަ އެވެ.
މެއިންލޭންޑް ޝިޕިން އެކްސްޕޯޓްގެ ބާޖާއި ޓަގު ބޯޓަކީ ފަރަށް އެރުމުގެ ތާރީހެއް އޮތް ކުންފުންޏެކެވެ.
މިމަހު އެއް ވަނަ ދުވަހުގެ ރޭ ވެސް އެކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް ހއ.ދިއްދޫ ފަރަށް އަރާފައިވެއެވެ. އީޕީއޭއިން މިހާރު އަންނަނީ ދިއްދޫ ފަރަށް ލިބުނު ގެއްލުންތައް ބަލަމުންނެވެ.