ރާއްޖޭގެ ރުއްދަނޑުތައް އާލާކުރުމުގެ ޕްރޮގްރާމަށް ބޭނުންވާ މުޑުވަށް ސަޕްލައިކޮށް، މިނިސްޓްރީން ކަނޑައަޅާ ރަށްތަކަށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ 1.2 މިލިއަން ރުފިޔާއަށް ކަން ހާމަވެއްޖެ އެވެ.

އިންޑިއާގެ ކެރެލާ އިން ގެނައި ރުއްތައް އެ މިނިސްޓްރީން ބުނާ ރަށް ރަށަށް ރުއްތައް ސަޕްލައިކުރުމަށް ހަވާލުކޮށްފައި ވަނީ މައިބަދަ ޕްރައިވެޓް ލިމިޓެޓް ކިޔާ ކުންފުންޏަކަށް 1,224,459.00 ރުފިޔާ އަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން 7 އަތޮޅެއްގެ 11 ރަށަކަށް ރުއްތައް ބެހުމަށް ނިންމަވާފައިވާ ކަމަށެވެ. މި ރުއްތައް ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅު ތެރެއަށް، 3 ބުރަކަށް ބަހާލައިންގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައި ވަނީ ވައިކަރަދޫގަ އެވެ. ވައިކަރަދޫގައި އާ ރުއް ދަނޑެއް ހެދޭ ވަރަށް 300 އެއްހާ ރުއް ވަނީ އިންދާފަ އެވެ.

ރާއްޖެ ގެނެސްފައިވާ ރުއްތަކުން ބައްޔެއް ޖެހިފައި ހުރި ތޯ ފާހަގަ ކުރުމަށް ހަނިމާދޫ ސެންޓަރުގައި ބެހެއްޓި 5،000 ކުދި ރުއްތަކުން މިހާތަނަށް އެއްވެސް ބައްޔެއް ހުރިތޯ ފާހަގަވެފައި ނެތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގްރިކަލްޗާ މިނިސްޓްރީން މީގެ ކުރިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ. ބައެއް މީހުން ބަލި ޖެހިފައިވާ ގަސްތައް ރަނގަޅު ކުރުމަށް ތަފާތު ބޭސް ބޭނުންކުރެ އެވެ.

ރުއް ފޮނުވާ 11 ރަށް

  1. މ. މުލީ
  2. ހއ. އުތީމު
  3. ހދ. ނޭކުރެންދޫ
  4. ރ. ހުޅުދުއްފާރު
  5. ނ. ވެލިދޫ
  6. ހދ. ވައިކަރަދޫ
  7. ރ. ފައިނު
  8. އދ. ދަނގެތި
  9. ނ. މަނަދޫ
  10. ނ. ކެނދިކުޅުދޫ
  11. އއ. ތޮއްޑޫ