ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުން އަލުން ގުޅުން ގާއިމުކުރަން ނިންމުމުން، ރާއްޖެއިން އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ގަތަރާއި ރާއްޖެ ސިޔާސީ ގުޅުން ކަނޑާލީ ސައުދީއަރަބިއްޔާއިން ސިޔާސީ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ. ސައުދީން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ ޖޫން 5، 2017 ގަ އެވެ. ސައުދީ އަށް ފަހު ޔޫއޭއީ، ބަހުރޭން، މިސްރު އަދި ދިވެހި ރާއްޖެ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީން ވަނީ ގަތަރާ ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ވެސް ކަނޑާލައިފަ އެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން އަލުން ވަނީ ގުޅުން ގާއިމުކުރަން އިއްޔެ ވަނީ އެއްބަސްވެފަ އެވެ. ސައުދީ އަރަބިއާގެ އިހުގެ ސަހަރާ ސަރަހަދެއް ކަމަށްވާ އަލް އުލާގައި މިއަދު ފެށި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ ބައިވެރިވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި ގަތަރު ބައިވެރިވުމުން މިނިސްޓަރު ޝާހިދު ވަނީ ގަތަރަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް ތިން އަހަރު ފަހުން ރާއްޖެއިން ގަތަރާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް ނިންމައި، އެކަން ޚާރިޖީ ވަޒީރު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން ގަތަރުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ސުލްޠާން ބިން ސާދު އަލް މުރައިޚީ އާއެކު މިނިސްޓަރު ޝާހިދު ރޭ މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގަތަރާއި އަލުން ގުޅުން ޤާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވަން ވައުދުވެވަޑައިގަތް ކަމެކެވެ. އެހެން ނަމަވެސް މިހާތަނަށް އެކަންވަނީ ނުކުރެވި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރާއި ރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރީ މެއި 26، 1984 ގަ އެވެ.

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖެ އިން ޖޫން 5، 2017ގައި ކަނޑާލިޔަސް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެގޮތުން ގަތަރާ ގުޅުން ކަނޑާލިއިރުން ފެށިގެން ވެސް ގަތަރު އެއާވޭސްގެ ދަތުރުތައް ކޮންމެ ދުވަހަކު ރާއްޖެއަށް ކުރަމުން ގެންދެ އެވެ. މިހާރު ވެސް ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރު އެ އެއާލައިނުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ގަތަރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫ މޯލްޑިވްސްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެކެވެ.