ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޝާހްރުކް ޚާންގެ "ޕަތާން" ބަންގްލަދޭޝްގައި ރިލީޒް ކުރުމުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ޝާހްރުކް ޚާން، ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޕަތާން" ބަންގްލަދޭޝްގައި ރިލީޒްކޮށްފައިވާއިރު މިއީ ގާތްގަނޑަކަށް 50 އަހަރަށް ފަހު އެގައުމުގައި ބޮލީވުޑް ފިލްމެއް ސިނަމާގައި ރިލީޒްކުރި ފުރަތަމަ ފިލްމެވެ.

"ޕަތާން" ބަންގްލަދޭޝްގައި ރިލީޒް ކުރުމުން އެގައުމުގައި ތިބި ޝާހްރުކްގެ ސަޕޯޓަރުން ވަނީ އުފާ ފާޅުކޮށްފަ އެވެ. އަދި މިފިލުމަށް އެގައުމުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން ފިލްމު އެޅުވި ދުވަހު އެކަނި ވެސް 25 ލައްކަ ބަންގްލަދޭޝް ޓަކާސް ލިބިފައިވެ އެވެ.

ފިލްމު ދައްކާ ސިނަމަތަކުގެ ތެރޭގައި ޝާހްރުކްގެ ފޭނުން ފިލްމުގެ ލަވަތަކަށް ނަށާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

"ޕަތާން" އަކީ 1971 ގެ ފަހުން ބަންގްލަދޭޝްގެ ސިނަމާތަކުގައި އެޅުވި ފުރަތަމަ ހިންދީ ފިލްމެވެ.

ބަންގްލަދޭޝްގެ ސިނަމާގެ ބޭރު

ޕަތާން މިއަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1000 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ ވަނީ ލިބިގެން ގޮސްފަ އެވެ. އެއީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމެވެ. އެއީ 510.99 ކްރޯޑް ރުޕީސް ހޯދި "ބާހޫބަލީ 2" ފަހަނައަޅައި ދިޔަ އިރު "ޕަތާން" އަށް 543.05 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

"ޕަތާން" މިހާރު އޮތީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ވެސް ބަލައިލެވޭނެ އެވެ.