"ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ކަނޑު ވިއްކުމާ ދެކޮޅަށް އަންނަ މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް އިއުލާންކޮށްފަ އެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ޖޫން ދެވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗްގައި ބޮޑު އެއްވުމެއް ބޭއްވުމެވެ. މި އެއްވުމުގެ ނަމަކީ ”މަސްބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު “އެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ދިވެހި ރައްޔިތުން ސޮއިކުރާ ޕެޓިޝަނެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަނޑުން ބައެއް ގެއްލުނު މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައިވާ އިއްތިހާދަކީ ސިޔާސީ ފިކުރުތައް އެކަހެރިކުރުމަށްފަހު ޤައުމީ ވިސްނުމެއްގައި މަސައްކަތްކުރަން ނިކުމެ އޮތް ކޯލިޝަނެއް ކަމަށެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ދިވެހިންގެ ހައްގު ނިގުޅައިގަނެ ދިވެހިންގެ ކަނޑު ވިއްކާލާފައި ކަމަށެވެ.

ޕެޓިޝަނާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވީ މި ޕެޓިޝަނަކީ ސަރުކާރުން މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ ގޮވައިލުމެއް ކަމަށެވެ. އެގޮތުން ކަނޑުގެ ސަރަހައްދުން ދޫކޮށްލުމަކީ ގަބޫލުނުކުރާނެ ކަމެއްކަމަށާއި، ނިންމުން ބަލައިނުގަންނާނެކަން އިޓްލޮސްއަށް އެންގުމާއެކު، 200 ނޯޓިކަލް މޭލުގެ އިގްތިސާދީ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށާއި، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށްވެސް އެދިފައިވެ އެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ ބޭފުޅުން ހިމެނެ އެވެ. މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އޭނާ ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެ އެވެ.