ހުޅުމާލޭގައި ހެދި ސްމާޓް ޕާކިން ސިސްޓަމް ބަހައްޓައި، އެ ޕާކިން ޒޯނުގެ ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.
ހުޅުމާލެ ތަރައްގީކޮށް ހިންގާ އާބަންކޯ އިން ބުނީ ރައްޔިތުންނަށް ވީހާ ވެސް ލުއި ފަސޭހަ ސްމާޓް ސިޓީއެއް ހޯދައި ދިނުމުގެ ގޮތުން ޕާކުކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން މިހާރު ވަނީ ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފަ އެވެ އަދި ވަރަށް އަވަހަށް މި ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.
އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ އެވެ. މިގޮތަށް އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) މި ޕާކިން ސިސްޓަމްތަކުން ބޭނުންކުރާނެ ކަމަށް އަބަންކޯ އިން ބުނެ އެވެ.
"މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ. މީގެ އިތުރުން މި ޒޯނުގައި ޕާކުކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައުވީސް ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ،" އެ ކުންފުނިން ބުނެ އެވެ. "ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކުކުރަން އަދި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ،"
އާބަންކޯ އިން ބުނީ ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
ފިތުރޯނު ޕާކިން ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފުކުރެވި، ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.