ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާ މެދު ބާ ކައުންސިލުން ދެކޭގޮތް ހާމަކުރަން ނިންމައިފި އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއީ ގައުމީ މުހިއްމު މައްސަލައެއް ކަމަށްވާތީ އެ މައްސަލައިގައި އެ ކައުންސިލުގެ ރަޢުޔު ހާމަކޮށްދިނުމަށް އެދި ކައުންސިލްގެ މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރަޢުޔާއި މައުލޫމާތު ހާމަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުން އެ ކައުންސިލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.
އެ މައްސަލަ ބަލައިގަތުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމީޓީން ވަނީ ނިންމާފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރީސާޗް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ބާތިލްކޮށް ދިނުމަށް އެދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.