ގދ. ތިނަދޫ "ކަޅިރަވަ" ދޯނިން ކަންނެއްޏަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހަކަށް މިއަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މަހަށް ގޮސް އުޅެނިކޮށް މޫދަށް ވެއްޓުނު ވަގުތު މިޔަރު ދިން ހަމަލާގައި ޒަހަމްވީ އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެކެވެ.

މި ހާދިސާ ހިނގީ ގއ. ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ބޭރަށް ދޯނި ނެރުނު ވަގުތު އެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތަށާއި ފައިގެ ތަންތަނުގައި މިޔަރު ދަތް އަޅަފައި ހުއްޓެވެ. އަދި އެމީހާގެ އަތް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

އެ މީހާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

މިޔަރަކީ ހިމާޔަތް ކޮށްފައިވާ އެއްޗަކަށްވައިރު ރާއްޖޭގެ ކަނޑުތަކުގެ މިޔަރު މާގިނަވެ އެކަމުގެ އުނދަގޫ މަސްވެރިންނަށް ކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ބާނާ މަސް ދޯންޏާ ހަމައަށް އަންނަ އިރު އޮންނަނީ މިޔަރު ކާލާފަ އެވެ. މިޔަރުގެ އުނދަގޫ ބޮޑުވެ މިޔަރު ހިފުމަށް ހުއްދަދިނުމަށް މަސްވެރިން ގޮވާލަ އެވެ.